ޔުނިވަރސިޓީ ކައުންސިލްގެ ދެން އޮންނަ ބައްދަލުވުން ބަނޑޮސްގައި
ޔުނިވަރސިޓީ ކައުންސިލްގެ ދެން އެންމެ އަވަހަށް ބާއްވާ ބައްދަލުވުން ބަނޑޮސް އައިލެންޑް ރިޒޯޓްގައި ބާއްވާގޮތަށް ޔުނިވަރސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ. މިގޮތަށް މިއަދު ނިންމީ ޔުނިވަރސިޓީ ކައުންސިލް މެންބަރ އަދި ބަނޑޮސް އައިލެންޑް ރިޒޯޓްގެ އޯނަރ ވަހިއްދީންގެ ހުށައެޅުއްވުމަކަށެވެ. މިގޮތަށް ހުށައަޅުއްވަމުން ވަހިއްދީން ވިދާޅުވެފައިވަނީ ޔުނިވަރސިޓީ ކައުންސިލުން ނިންމަންޖެހޭ ވަރަށްގިނަ ކަންތައް ނުނިމި ހުރުމުން ކޮންމެ ހަފްތާއެކު 1ގަޑިއިރު ހޭދަކޮށްގެން އަވަސް މުސްތަގުބަލެއްގައި އެކަންކަން ނިންމިދާނެކަމަށް ޤަބޫލްފުޅު ނުކުރައްވާ ކަމަށެވެ. މިހެންވެ މިހާރު ނުނިމިހުރި ކަންތައް ނިންމުމަށްޓަކައި 2ދުވަހެއްވަރު ދިގުދެމިގެންދާގޮތަށް ކައުންސިލް ބައްދަލުވުން ކުރިއަށް ގެންދިއުމަށް ފެންނަކަމަށެވެ. މިގޮތުން 2ދުވަހަށް ބަނޑޮސް އައިލެންޑް ރިޒޯޓްގައި ހުރިހާ މެންބަރުންގޮސް ކައުންސިލް ބައްދަލުވުން ބާއްވަން ފެނިވަޑައި ގަންނަވާ ކަމަށާއި އަދި އެކަމަށްޓަކައި ހިނގާ ހުރިހާ ޚަރަދެއް އަމިއްލަފުޅަށް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
ދެން ޔުނިވަރިސިޓީ ކައުންސިލް ބައްދަލުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ 09ސެޕްޓެމްބަރ ވާ ހުކުރު ދުވަހުއެވެ. މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2 ދުވަހަށް ދިގުދެމިގެންދާގޮތަށް ބަނޑޮސް އައިލެންޑް ރިޒޯޓްގައެވެ.